މިނިވަން ދުވަހާ ގުޅިގެން މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފައިންނާއި ފުލުހުންގެ 6 އޮފިސަރަކަށް ރައީސްގެ ޚާއްސަ މެޑެލް އަރުވައިފިއެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ ޚާއްސަ މެޑެލް އެރުވީ ސިފައިންގެ ތިން އޮފިސަރުންނާއި ފުލުހުންގެ ތިން އޮފިސަރުންނަށެވެ. ސިފައިންގެ އޮފިސަރުންގެ ތެރޭގައި ވޮރެންޓް އޮފިސަރ 2 ޢަބްދުﷲ ސާސަން، ސާޖަންޓް މޭޖަރ އަޙްމަދު މުޖުތަބާ އަދި ސާޖަންޓް ފަސްޓް ކްލާސް އަޙްމަދު ޢަލީ ހިމެނެއެވެ.
ފުލުހުންގެ އޮފިސަރުންގެ ތެރެއިން މެޑެލް ލިބިވަޑައިގަތީ އެސިސްޓެންޓް ކޮމިޝަނަރ ޢަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރ އާސިމް ޢަބްދުﷲ އަދި ޗީފް ސުޕްރިންޓެންޑެންޓް އިސްމާޢީލް ޝަމީމް އާދަމްއަށެވެ. މީގެއިތުރުން، ދިގު މުއްދަތުގެ ޚިދުމަތުގެ މެޑެލް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމާއި ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމަށް ވަނީ އަރުވާފައެވެ.
މި ރަސްމިއްޔާތަކީ ދިވެހި ސަލާމަތީ ބާރުތަކުގެ އިސް އޮފިސަރުންގެ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، އެ ބޭފުޅުންގެ މަސައްކަތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގައި ސިފައިންނާއި ފުލުހުންގެ މަތިވެރި ޚިދުމަތުގެ މެޑެލް 11 ބޭފުޅަކަށް ވަނީ އަރުވާފައެވެ.



