ދިވެހި ޤައުމު އެންމެންގެ އަމިއްލަ މަސްލަހަތަށްވުރެ އިސްކޮށް، އެކުވެރިކަމާއެކު ކުރިއަށް ދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ގޮވާލައްވައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިންނަކީ އެއްބަހަކުން ވާހަކަދައްކާ، އެއްދީނަކަށް ނިސްބަތްވާ، އެއް މާޒީއެއް އޮތް، އެއްބައެއްވަންތަ ބައެއްކަން ހަނދާން ބަހައްޓަންޖެހޭ ކަމަށެވެ.
“މިއީ ދިވެހިން. ފަޚުރުވެރި ދިވެހިން. ފަޚްރުވެރި މާޒީއެއް އޮތް ދިވެހިރާއްޖެ. އެހެންވީމާ، އަޅުގަނޑުމެންގެ ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމު،” ރައީސް ވިދާޅުވި އެވެ.
އަމިއްލަ މަސްލަހަތާއި ޒާތީ ތައައްސުބުގެ ބަދަލުގައި ޤައުމީ އެއްބައިވަންތަކަން އިސްކޮށް، އެންމެން އެކަތިގަނޑަކަށްވެ މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ޤައުމަށް އިތުރު ތަރައްޤީ ހޯދައިދެވޭނެ ކަމަށް ވިދާޅުވި އެވެ.
“އެގޮތަށް އަޅުގަނޑުމެން ކުރިއަށް ހިނގައްޖެ ކަމަށްވަނީވިއްޔާ މިފަދަ އެތައް ތަރައްޤީގެ ކަންކަން އަޅުގަނޑުމެންނަށް ހާސިލުވާނެ. ބިނާތައް ހެދި، އަދި މާނަވީގޮތުންވެސް ޤައުމު ތަރައްޤީ ވެގެންދާނެ. އަޅުގަނޑުމެންގެ ސިކުނޑި ތަރައްޤީ ވެގެންދާނެ،” ރައީސް ވިދާޅުވި އެވެ.



