މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ދަޢުލަތުގެ މަތިވެރި އިއްޒަތް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން 3 ބޭފުޅަކަށް އަރުވާފައެވެ.
މި އިއްޒަތުގެ ވެރިކަން އެރުވުނު ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛް މުޢުތަސިމް އަދުނާންއާއި، ގ. ފިޔާތޮށިގޭ ހަސަން ޞާބިރު އަދި ނިޝާން މުލީގެ އިއްޒަތް ލިބިވަޑައިގެންފައިވާ ޤާސިމް އިބްރާހީމެވެ.
ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛް މުޢުތަސިމް އަދުނާނަށް މި އިއްޒަތް ދެއްވާފައިވަނީ ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް އެމަނިކުފާނު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ބަލައިގެންނެވެ. ޚާއްޞަކޮށް ޝަރުޢީ ދާއިރާގެ މައްސަލަތައް އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ނިންމެވުމަށް ކުރެއްވި މަސައްކަތްތަކާއި، ރާއްޖޭގެ ޚާރިޖީ ދާއިރާއާ ގުޅޭ ކަންކަމުގައި ދެއްވި ލަފާތަކަށް ބަލައިގެންނެވެ.
ގ. ފިޔާތޮށިގޭ ހަސަން ޞާބިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ދީފައިވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައާއި ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ޚާއްސަކޮށް މަސްވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަމުގެ ދާއިރާގެ މަޤާމުގައި ހުންނަވައިގެން އެ ދާއިރާތަކުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ޤައުމީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާތީއާއި ޚާރިޖީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
ޤާސިމް އިބްރާހިމަކީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ދާއިރާއަށް އަދި ތަޢުލީމީ ދާއިރާއަށާއި ދިވެހި ދަޢުލަތަށް އަގުހުރި ޚިދުމަތްތަކެއްކުރައްވާފައިވާވާތީއެވެ.



