މިދިޔަ ނޮވެމްބަރު މަހު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެން ފަހުން ފުރަތަމަ ފަހަރަށް ސްރީލަންކާގެ ރައީސް، އަނުރާ ކުމާރަ ޑިސާނަޔަކަ މިއަދުރާއްޖެއަށް ޒިޔާރަތްކުރައްވައިފިއެވެ. ރާއްޖެއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ބޭފުޅުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންފައެވެ.
ސްރީލަންކާގެ ރައީސްގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ދިވެހި ސަރުކާރުން ދެއްވި ޚާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެ ކުރިން އެ މަނިކުފާނު ވަނީ އިންޑިއާ އަދި ޗައިނާއަށް ވެސް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ.
ރަސްމީ ފާލަމުގައި އެ މަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ޚާއްސަ ސަގާފީ ނެށުމުގެ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ހާއްސަ މިސާލެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖެއަށް 1965 ވަނަ އަހަރު މިނިވަންކަން ލިބުމާއެކު އެންމެ ފުރަތަމަ ސިޔާސީ އަދި ހާރިޖީ ގުޅުން ގާއިމުކުރި އެއް ގައުމަކީ ސްރީލަންކާ ކަމަށްވުމެވެ. އަދި އިއްޔެއަކީ ރާއްޖެއާއި ސްރީލަންކާގެ ދެމެދުގައި ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުނު ދުވަހެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރައީސް ޑިސާނަޔަކަ ރާއްޖޭގައި ހުންނަވާނީ ބުދަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުފުޅުގައި ދެ ގައުމަށް އެންމެ ފައިދާހުރި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.



