އާސަންދައިން ހިލޭ އައިނު ހެއްދޭ ގޮތަށް ގާއިމުކޮށްފައިވާ ސަރުކާރުގެ އައިނު ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފިއެވެ. މާލޭ ސިޓީ ގްރޫޕްސް އޮފް ހޮސްޕިޓަލް (އެމްސީޖީއެޗް)ގެ ދަށުން ހިދުމަތްދޭ ގޮތަށް، ‘އެމްސީޖީއެޗް އޮޕްޓިކަލްސް’ގެ ނަމުގައި މި އައިނު ފިހާރަ ހުޅުވާފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައެވެ.
އެމްސީޖީއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް ވިދާޅުވި ގޮތުގައި، އާސަންދައިގެ ދަށުން ލުއިފަސޭހަ ގޮތެއްގައި އައިނުގެ ހިދުމަތް ހޯދޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސެވުމަށް ރައީސް މުއިއްޒު އެންގެވީ މިދިޔަ މެއި މަހުއެވެ. މިއަދު ހުޅުވި ސަރުކާރުގެ އައިނު ފިހާރައިގައި ޒަމަނީ މެޝިނަރީތަކުގެ އެހީގައި ފަރުވާ ހޯދޭނެ ގޮތްތައް ގާއިމުކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ފިހާރައިން އައިނު ހެއްދުމާއި ލެންސު ހެއްދުމުގެ ހުރިހާ ހިދުމަތެއް ލިބޭނެއެވެ. އަދި ޒަމާނީ މެޝިނަރީތަކުގެ އެހީގައި ކޭޓްރެކް، ލޮލުގެ ޕްރެޝަރު ބެލުން އަދި އަވަސް މަރުހަލާގައި ގުލްކޯމާ ދެނެގަނެވޭނެއެވެ. އާސަންދައިން ނަންބަރު އައިނު ހެއްދުމަށް ދޫކުރާ 2000 ރުފިޔާގެ އިމުގެ ތެރޭގައި އައިނު ހިލޭ ހެއްދޭނެ ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.
އަންނަ މަހުން ފެށިގެން ހުޅުމާލެ ހޮސްޕިޓަލުގައި ވެސް މި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކަކުން ވެސް މި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުން، ނަންބަރު އައިނު ހެއްދުމަށް އާސަންދައިން މީގެ ކުރިން ދެމުން އައީ 1،000 ރުފިޔާއެވެ. ނަމަވެސް މި މަހުން ފެށިގެން އެ އަދަދު 2،000 ރުފިޔާއަށް ބޮޑުކުރުމަށް ރައީސް މުއިއްޒު ވަނީ މޭ މަހު ނިންމަވާފައެވެ.



