ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އިއްޔެ ލިބިވަޑައިގެންނެވި ކުރީގެ މިނިސްޓަރު، ހަސަން ސޯބިރު އަވަހާރަވުމަކީ މުޅި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ކެންސަރު ބައްޔަށް ފަރުވާ ކުރައްވަމުން ގެންދެވި ސޯބިރު (74 އަހަރު) އަވަހާރަވެފައިވަނީ މިއަދު ހެނދުނު ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
ސޯބިރު އަވަހާރަވުމާއި ގުޅިގެން ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސޯބިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި ސޯބިރަކީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް، ވަރަށް ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސޯބިރަކީ ވަޒީރުކަމުގައި އެންމެ ދިގު މުއްދަތަކަށް ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
އަދި ރައީސް މުއިއްޒު އެމަނިކުފާނުގެ ޕޯސްޓްގައި ވަނީ މަރްޙޫމްގެ މައްޗަށް ދުޢާ ދަންނަވާފައެވެ.



