ދިވެހިރާއްޖެއާއި ސްރީލަންކާއަކީ ހަމައެކަނި އަވައްޓެރި ޤައުމުތަކެއްގެ ގޮތުގައި ނޫންކަމަށާއި، ދެޤައުމުގެ ގުޅުމަކީ ތާރީޚީ ގޮތުން ވަރަށް ފުން ގުޅުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ
ރައީސް މިހެން ވިދާޅުވީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް މިހާރު ކުރައްވަމުން ގެންދަވާ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ޝަރަފުގައި ރޭ ދެއްވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ..
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ދެޤައުމުގެ ގުޅުމަކީ އެއް އަގީދާއަކާއި، އެއް މިންގަނޑުތަކަކާއި، ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އަދި މިއީ އިތުބާރާއި، އެކަކު އަނެކަކަށް ދޭ އިޙްތިރާމާއި، ދެމިގެންދާ ރަޙްމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމުގައި ވެސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އެތައް ޒަމާނެއް ވަންދެން ވަރަށް ގާތް ގުޅުމެއް އޮތް ދެޤައުމެވެ. ދެޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުންތަކާއި، ތަޢުލީމީ ދާއިރާގެ ގުޅުންތަކާއި، ޞިއްޙީ ދާއިރާގެ ގުޅުންތައް ވަރަށް ބޮޑަށް ޤާއިމުވެފައިވެއެވެ.
ދެޤައުމުގެ މެދުގައި އޮތް މި ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް ތަނުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ދެޤައުމުގެ މެދުގައި އޮތް މި ގުޅުމަކީ ކުރިމަގުގައި ވެސް އިތުރަށް ފުޅާވެ، ދެޤައުމުގެ ރައްޔިތުންނަށް މަންފާކުރަނިވި ގޮތެއްގައި ކުރިއަށްދާނެ ގުޅުމެއްކަމުގެ އުއްމީދު ބޮޑުކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.



