އެޗްޑީސީއާއި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާ ގުޅިގެން، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން) ގައި ދިރިއުޅޭ ފަރާތްތައް މުޖްތަމައުއަށް އަހުލުވެރިކޮށް، ރީއިންޓަރގްރޭޓް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ އެޗްޕީއެސްއެންގައި ދިރިއުޅޭ ފަރާތްތައް އަނބުރާ މުޖްތަމައުއަށް ދޫކޮށްލުމުގެ ކުރިން، އެމީހުން މުޖްތަމައުއަށް އަހުލުވެރި ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް، އެޗްޑީސީގެ ފަރާތުން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ޕްރޮގްރާމުގެ ދަށުން މަރުކަޒުގައި ދިރިއުޅޭ 17 ފަރާތެއް ހުޅުމާލެއަށް ގެނެސް، އެމީހުންނަށް ހުޅުމާލެ ދައްކާލައި، ބެލެނިވެރިކަމުގެ ދަށުން އާންމު ދިރިއުޅުމުގައި ބައިވެރިވެ އެކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު އެޗްޑީސީން ފަހިކޮށްދީފައިވެއެވެ. މި ދަތުރުގައި ހުޅުމާލޭގައި ދިރިއުޅޭ ބައެއް އާއިލާތަކާއެކު މެންދުރު ކެއުމާއި، އާންމުންނާއެކު ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު އެފަރާތްތަކަށް ލިބިގެންދިޔަކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.
މީގެއިތުރުން ދުވަހުގެ ހަވީރު ސެންޓްރަލް ޕާކުގައި އެފަރާތްތަކަށް ހާއްސަކުރެވިފައިވާ ހަރަކާތްތަކާއެކު ސައިފޮދެއް ވަނީ ބާއްވާފައެވެ. އަދި މިނިވަންދުވަހަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ފުޅަނދުތައް ބަލާލުމަށްފަހު، ދަތުރު ނިންމާލާފައިވަނީ އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން މަރުކަޒުގައި ތިއްބެވި ފަރާތްތަކަށް ޒަރޫރީ ބައެއް ސާމާނު ހަދިޔާކުރުމާ އެކުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ދަތުރުގެ ކުރިން ހެލްތް މިނިސްޓްރީގެ މެންޓަލް ހެލްތް ޑިޕާރޓްމެންޓްގެ ބޭފުޅުންނާއެކު އެޗްޑީސީގެ ސްޓާފުން އަދި މެނޭޖްމަންޓުން މިދިޔަ ހަފްތާގައި ގުރައިދޫ މަރުކަޒުގެ ހާލަތު ބަލާފައިވެއެވެ.
އެޗްޑީސީއަކީ މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގްރާމުތައް އިސްވެ ހިންގައި، އެހީތެރިވެދޭ ކުންފުންޏެއްކަން ވެސް ފާހަގަކުރެވެއެވެ.



