މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ޓަކައި، އެކަމާ ގުޅޭ ބިލު އިތުރަށް ދިރާސާކުރުމަށް ރައީސް މުހައްމަދު މުއިއްޒު ކަމާބެހޭ ފަރާތްތަކަށް އަންގަވައިފި އެވެ. މިކަން ރައީސް ހާމަކުރެއްވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ އެހެން ގައުމުތަކުގައި ވެސް ޢަމަލުކުރާ ގޮތަށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބާއި އެހެނިހެން ހަރުކަށި އަދަބުތައް ކަނޑައެޅުމަށް ބިލު އިތުރަށް ދިރާސާކުރުމަށް އަންގަވާފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރު މަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި މަސްތުވާތަކެތީގެ ބައެއް ކުށްތަކުގެ އަދަބު ހަރުކަށިކޮށް، ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވީ ނަމަވެސް، މަރުގެ އަދަބު ފަދަ ހަރުކަށި އަދަބުތަކެއް އޭރު ހިމަނާފައެއް ނުވެ އެވެ.
މި ބިލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާއެކު، މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ސަރުކާރުން އަޅަން ނިންމަވާފައިވާ އެންމެ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.



