ހއ. އަތޮޅުގައި ހުންނަ މަނަފަރު ރިސޯޓުން ކުނި އުފުލައިގެން ކ. ތިލަފުށްޓަށް ދަތުރުކުރަމުންދިޔަ “ގުރުވަ 1” ނަމަކަށް ކިޔާ ދޯންޏެއް ނ. ކުޑަރަށް ކައިރިން ފަރަށް އެރުމުން، އެ ދޯނީގައި ތިބި ތިން ފަޅުވެރިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ މައުލޫމާތު އެ ފަރާތަށް ލިބިފައިވަނީ ރޭ 11:24 ގައެވެ. މި ހާދިސާގައި ދޯނީގައި ތިބި އެއް ދިވެއްސަކާއި ދެ ބިދޭސީން ސަލާމަތްކުރުމުގެ މަސައްކަތް ކުރީ އެމްއެންޑީއެފްގެ އުތުރު ސަރަހައްދުގެ ކޮމާންޑުގެ ކޯސްޓްގާޑުގެ ހާބާކްރާފްޓުންނެވެ.
އެމްއެންޑީއެފުން ބުނާ ގޮތުގައި ހާދިސާގައި ސަލާމަތްކުރެވުނު ތިން ފަޅުވެރިންގެ ހާލު ވަނީ ރަނގަޅު ކަމަށެވެ. އަދި މިއަދު ހެނދުނު 8:45 ހާއިރު އެ ފަރާތްތައް ވަނީ ނ. ހޮޅުދުއަށް ގެންގޮސްފައެވެ.



