ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ޙާފިޒުންނަށް ދެމުން އައި 2000 ރުފިޔާގެ އެލަވަންސް 4000 ރުފިޔާއަށް އިތުރުކޮށް ޖަމާކުރަން ފަށައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއް ފުއްދުމުގެ ގޮތުން އަޅުއްވާފައިވާ ފިޔަވަޅެކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބަދަލު ގެނައުމަށް ނިންމާފައިވަނީ މިދިޔަ ޖޫންމަހުގެ 24 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. އަދި މިހާރު ވަނީ އެލަވަންސްގެ އަދަދު އިތުރުކޮށް ޖަމާކުރަން ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގައި، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެއެވެ. އަދި ޙާފިޒުން އުފެއްދުމަށާއި އެކަމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމަށް އިތުރު ފިޔަވަޅުތައް އަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ޙާފިޒުންނަށް ދޫކުރާ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކޮށް، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ފެންވަރުގައި ބަލައިގަންނަ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.



