ހދ. ކުޅުދުއްފުށިން ށ. ފުނަދޫއަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް މިއަދު ހެނދުނު ހދ. ކުމުންދޫ ކައިރިން ބަންޑުންޖެހުމުގެ ސަބަބުން އެ ދޯނީގައި ދަތުރުކުރި 66 އަހަރުގެ ދިވެއްސަކު މަރުވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގި ވަގުތު އެ ދޯނީގައި ތިބީ ދެ ދިވެއްސަކާއި ދެ ބިދޭސީއެކެވެ. ހާދިސާ ހިނގުމާ ގުޅިގެން އެ ހަތަރު މީހުން ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ. އޭގެ ތެރެއިން 66 އަހަރުގެ ދިވެހި ފިރިހެނާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10:30 ހާއިރު އޭނާ ވަނީ މަރުވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ މުޅި ރާއްޖެއަށް ހުޅަނގު މޫސުމުގެ ނުރައްކާތެރިކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެމްއެންޑީއެފުން ވަނީ މި ދުވަސްވަރު ކަނޑު ދަތުރުތައް ވީހާވެސް މަދުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.



