ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ކާރެއް ހުއްޓުވަން އުޅުނު ފުލުހުންގެ ސައިކަލެއްގައި، އެ ކާރުން ޖައްސައި ވައްޓާލުމުގެ ސަބަބުން ފުލުހަކަށް ރޭ އަނިޔާވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ 11:00 ހާއިރު ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ސަރަހައްދުގައެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔަ ކާރެއް ހުއްޓުވުމަށް ފުލުހުން އިރުޝާދު ދިނުމުންވެސް، އެ ކާރުގައި ތިބި މީހުން އެއްވެސް އިރުޝާދަކަށް ކިޔަމަންވެފައި ނުވެއެވެ. އަދި އޭގެ ބަދަލުގައި ފުލުހުންގެ ސައިކަލުގައި ޖައްސައި ވައްޓާލުމުން، ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާދީފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ކާރު ދުއްވި ފިރިހެނާ އާއި އެ ކާރުގައި އިން އަންހެނާ ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.
ފާއިތުވި ދުވަސްތަކުގައިވެސް ހުޅުމާލޭގައި މިފަދަ ގިނަ ހާދިސާތަކެއް ހިނގާފައިވާއިރު، މިފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.



