ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލައިފިއެވެ.
މި މަހުގެ 23 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ބާއްވާ މި މަހާސިންތާގައި، ދީނީ ޢިލްމުވެރިންނާއި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި މަހާސިންތާގައި އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ނިޒާމު ބޭނުންކުރެވިދާނެ ގޮތްތަކާއި، އެކަމަށް ބޭނުންވާ އިސްތިރާޖުތައް އެކުލަވާލުމަށް މަޝްވަރާކުރެވޭނެއެވެ. އަދި ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވޭނެއެވެ.
މިއީ ޒަކާތު ހައުސްއިން މި މަހާސިންތާ ބާއްވާ ދެވަނަ އަހަރެވެ. ފާއިތުވި އަހަރު މި މަހާސިންތާ ބޭއްވުނީ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި އޭރު މި މަހާސިންތާއަށް ފާހަގަކޮށްލެވޭ ވަރުގެ ތަރުހީބެއް ލިބިފައިވާކަން ޒަކާތު ހައުސްއިން ފާހަގަކުރެއެވެ.



