ސަރުކާރުން ކުރިއަށްގެންދާ “ފަސް މިލިޔަން ގަސްއިންދުމުގެ ޕްރޮގްރާމް” ގެ ދަށުން ދ. ކުޑަހުވަދޫގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ. މިގޮތުން އޮގަސްޓް 9 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޖުމްލަ 44 ގަސް ވަނީ އިންދާފައެވެ.
މި ހަރަކާތުގައި އިންދާފައިވަނީ 13 ރުކާއި 31 އަނބުގަހެވެ. މި ގަސްތައް އިންދާފައިވަނީ ރަށުގެ މައިގަނޑު މަގުތަކުގެ އަރިމަތީގަޔާއި އިޖްތިމާޢީ ސަރަޙައްދުތަކުގައެވެ. މި ހަރަކާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު އޮނަރަބަލް ޠާރިޤު އިބްރާހީމްގެ އިތުރުން، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު އަދި އަތޮޅާއި ރަށު ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން މި ހަރަކާތުގައި ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި ރަށުގައި ޤާއިމްކުރެވިފައިވާ އެކި މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވިއެވެ.
ސަރުކާރުން ކުރިއަށްގެންދާ “ފަސް މިލިޔަން ގަސްއިންދުމުގެ ޕްރޮގްރާމް” އަކީ މުޅި ރާއްޖެ ހިމެނޭގޮތަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.



