ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަކީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ރައްޔިތުންނަށް ދޭންޖެހޭ މުނިސިޕަލް ޚިދުމަތްތަކުގެ އިތުރުން، ރައްޔިތުންނަށް ފައިދާވާ ކަންކަމަށް ޚަރަދުކުރުމަށް ދޫކުރާ ފައިސާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރު ކައުންސިލްތަކަށް ޖުމްލަ 2.2 ބިލިޔަން ރުފިޔާ ދޫކުރެވުނު ނަމަވެސް، އަހަރު ނިމުނުއިރު ކައުންސިލްތަކުގެ އެކައުންޓްތަކުގައި 1.4 ބިލިޔަން ރުފިޔާ ޚަރަދުނުކޮށް ހުއްޓެވެ.
“މިފައިސާ ކައުންސިލްތަކަށް މިދެނީ މުނިސިޕަލް ޚިދުމަތްތައް ދިނުމަށް. އެހެންވީމަ އެފައިސާ ޚަރަދުކުރުމަކީ ކައުންސިލްތަކަށް ލާޒިމްކަމެއް. ރައްޔިތުންނަށް ހެޔޮ ކަންކަން ކޮށްދޭން. ޤާނޫނުގައި ބުނާ މުނިސިޕަލް ޚިދުމަތްތައް ރަނގަޅު ކޮށްދިނުމަށް. އެކަމަކު އަހަރު ނިނުމުއިރު ދެބައިކޮށްފައި އެއްބައި ޚަރަދުނުކޮށް މިހުރީ,” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މިއަހަރުގެ މިހާތަނަށް އައިއިރުވެސް ބްލޮކް ގްރާންޓަށް ދޫކުރި ފައިސާގެ ބޮޑުބައެއް ކައުންސިލްތަކުން ރައްކާކުރަމުން އަންނަކަމަށާއި، ނަމަވެސް އެފައިސާ ރައްކާކުރަނީ ކޮން ބޭނުމެއްގައިކަން ހާމަނުކުރާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބައެއް ކައުންސިލްތަކުން ބްލޮކް ގްރާންޓުން ތަޖުރިބާ ދަތުރުތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުން ފަދަ ބޭކާރު ޚަރަދުތައް ކުރަމުންދެއެވެ. އަދި މިފަދަ ކަންކަން ނުކުރުމަށާއި ސަރުކާރުން ދޫކުރާ ފައިސާއިން ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.



