މިދިޔަ ޖުލައި މަހު ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވަށް 10 މިލިޔަން ޑޮލަރުގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވް ވަނީ 213.22 މިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ ޖޫން މަހާ އަޅާބަލާއިރު 5 އިންސައްތައިގެ ކުރިއެރުމެކެވެ.
ނަމަވެސް، ރަސްމީ ރިޒާވަށް ބަލާއިރު، ޖުލައި މަހު ވަނީ 774.52 މިލިޔަން ޑޮލަރަށް ދަށްވެފައެވެ. މިއީ ޖޫން މަހާ އަޅާބަލާއިރު 6 އިންސައްތައިގެ ދަށްވުމެކެވެ. އަދި ހަމަ މިމުއްދަތުގައި ކުރުމުއްދަތުގެ ބޭރުފައިސާގެ އިލްތިޒާމުތައްވެސް ވަނީ 774.5 މިލިޔަން ޑޮލަރުން 688.24 މިލިޔަން ޑޮލަރަށް ދަށްވެފައެވެ.
ރާއްޖޭގެ ރިޒާވް ހަރުދަނާކުރުމަށް އެޅޭ ފިޔަވަޅުތަކުގެ ތެރޭގައި، ބޭރުފައިސާގެ އައު ޤާނޫނުގެ ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ 60 އިންސައްތަ ރިޒާވް އިތުރުކުރުމަށް ބޭނުންކުރަމުންދާކަމަށް އެމްއެމްއޭއިން ބުނެއެވެ. މީގެއިތުރުން، ބޭންކް އޮފް އިންޑިއާއާއެކު ވެފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމަކީވެސް ރިޒާވަށް ލިބިގެންދިޔަ ހެޔޮ ބަދަލެއްކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.
އަންނަ އަހަރަކީ ރާއްޖެއިން 1 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ދަރަނި އަދާކުރަންޖެހޭ އަހަރަކަށްވާތީ، ރިޒާވް ހަރުދަނާކުރުމަކީ އިޤްތިޞާދީ ގޮތުން ވަރަށް މުހިންމު ކަމެއްކަމުގައި އެމްއެމްއޭއިން ވަނީ އިތުރަށް ފާހަގަކޮށްފައެވެ.



