ޕާކިސްތާނުގެ 77 ވަނަ މިނިވަންދުވަހާ ގުޅިގެން އެ ޤައުމުގެ އިސްވެރިންނާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޫނު ތަހުނިޔާއެއް ފޮނުއްވައިފިއެވެ. މި ތަހުނިޔާގައި ރައީސް މުޢިއްޒު ވަނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފަށް ޚާއްސަ މެސެޖެއް ރައްދުކުރައްވާފައެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، އެ ޤައުމުން މިހާތަނަށް ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވާ ކަމަށެވެ. އަދި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އާކޮށްދެއްވާފައެވެ.
ޕާކިސްތާނުގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޯގަސްޓް 14 ގައި ފާހަގަކުރާ ދުވަހެކެވެ. މިއީ 1947 ވަނަ އަހަރު އިނގިރޭސިވިލާތުގެ ކޮލޮނިއަލް ވެރިކަމުން މިނިވަންވެ، ޕާކިސްތާން މިނިވަން އިސްލާމީ ޖުމްހޫރިއްޔާއެއްގެ ގޮތުގައި އުފެދުނު ދުވަހެވެ.



