ހުޅުމާލެ ފޭސް 2 ގެ ވަގުތީ މަސް މާރުކޭޓުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން އައި ތިން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނިގޮތުގަިއ މި ބިދޭސީން އަތުލައިގެންފައި މިވަނީ މި މަހުގެ 10 ވަނަ ދުވަހު ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ ޚާއްސަ ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، މި މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ. އަދި މިފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ގެންދަނީ ފިޔަވަޅު އަޅަމުންނެވެ.
ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާ ނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންދެއެވެ.
ސަރުކާރުން މިހާރު ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށްފައެވެ. އަދި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް، ބިދޭސީންގެ މައްސަލަތަކަށް ތިން އަހަރުގެ ތެރޭގައި ޖުމްލަ ހައްލެއް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.



