7 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު، ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޭ ސްކޮލަރޝިޕް 24 ދަރިވަރަކަށް ދީފިއެވެ. އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސްކޮލަރޝިޕްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލްކުރުމަށް 17 ދަރިވަރަކަށް ފުލް ސްކޮލަރޝިޕް ދެވިފައިވާއިރު، އިތުރު 7 ދަރިވަރަކަށް ޚާއްސަ ސްކޮލަޝިޕް ދެވިފައިވެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ވާހަކަފުޅުގައި، މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަކަށް މަތީ ތައުލީމަށް ސްކޮލަރޝިޕް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވިއެވެ.
ޒަކާތު ފަންޑުން މި އަހަރު ޖުމްލަ 50 ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލާފައިވާއިރު، އޭގެ ތެރެއިން 20 ފުރުޞަތަކީ ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުޞަތުތަކެވެ. އަދި 30 ފުރުޞަތަކީ މެލޭޝިއާ، ބުރުނާއީ، ސައުދީ އަރަބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުގައި ކިޔެވުމަށް ދެވޭ ފުރުޞަތުތަކެވެ.
އެންމެ ފަހުން ޒަކާތު ފަންޑުން ސްކޮލަރޝިޕް ދީފައިވަނީ 2018 ވަނަ އަހަރުގައެވެ. މި އަހަރުގެ ސްކޮލަރޝިޕް ޕްރޮގްރާމަށް އެދުމުގެ ފުރުޞަތު ހުޅުވާލެވުނީ މިދިޔަ އޭޕްރިލް މަހުގައި ކަމަށްވާއިރު، އެ ފުރުޞަތު ނިމުމަކަށް އައީ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.



