މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި މަރުވި މީހާއަކީ ގ. ޒާމިއާ، އަހްމަދު އަފްރާހު (48 އަހަރު) އެވެ. އޭނާ މަރުވެފައިވާކަން ޔަގީންވެފައި ވަނީ އަތޮޅުވެހީގައި ބަންދުކޮށްފައި ހުއްޓައި، މިއަދު ފަތިހު 5:50 ހާއިރު ގޮޅި ތެރެއަށް ވެއްޓި، ހަރަކާތް ހުއްޓިފައިވާކަން ފާހަގަވެގެން އައިޖީއެމްއެޗަށް ގެންދިއުމުން ކަމަށް ފުލުހުން މައުލޫމާތު ދިން އެވެ.
އަފްރާހު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި އިއްޔެ މެންދުރު 1:26 ގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ކުށުގެ ރެކޯޑު އޮންނަ އަފްރާހު ހައްޔަރުކުރި ދުވަހު ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން، އެކި ބާވަތުގެ މަސްތުވާތަކެތި ބޭނުންކޮށްފައި ހުރިކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މި މަރުގެ ހާދިސާއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނަށާއި އެންއައިސީއަށް މައުލޫމާތު ހިއްސާކޮށް، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އެތެރޭގެ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.



