ޕާކިސްތާނަށް ކުރިމަތިވެފައިވާ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކާއި މަރުވި މީހުންނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މަރުވެފައިވާ މީހުންގެ ޢާއިލާތަކަށާއި މި ކާރިސާގެ ސަބަބުން އަސަރުކުރި އެންމެހައި ފަރާތްތަކަށް ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މި ދަތި އުނދަގޫ ދަނޑިވަޅުގައި ޕާކިސްތާނާއެކު ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވެއެވެ.
ޕާކިސްތާނަށް ކުރިމަތިވެފައިވާ މި މޫސުމީ ވިއްސާރައިގެ ސަބަބުން މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ފަރުބަދަމަތީ ސަރަހައްދުތައް ކަމަށްވާ ޚައިބަރު ޕަޚްތުންޚްވާގެ އިތުރުން ކަޝްމީރުގެ ޕާކިސްތާނާވީ ސަރަހައްދުގައެވެ.



