ރައްޔިތުންގެ މަޖިލިސް އިދާރާއަށް ދިމާވި ކަރަންޓު މައްސަލައެއްގެ ސަބަބުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ވަނީ މެދުކަނޑާލާފައެވެ. މިއަދު ހެނދުނު 9:00 ގައި ފެށުނު ޖަލްސާގައި ކަރަންޓު މައްސަލަ ދިމާވެފައިވަނީ 9:30 ހާއިރުއެވެ.
ކަރަންޓު މައްސަލަ ދިމާވި ވަގުތު މަޖިލީހުގައި ބަހުސްކުރަމުން ގެންދިޔައީ އިންޝުއަރެންސް ބިލު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށެވެ. އެ ރިޕޯޓަށް ވާހަކަދައްކަވަމުން ގެންދެވީ ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމެވެ.
މައްސަލަ ދިމާވުމާ ގުޅިގެން މަޖިލީހުގެ ބައެއް ލައިޓްތައް ނިވުނު ނަމަވެސް، މައިކް ސިސްޓަމާއި ލައިވް ފީޑް ރަނގަޅަށް މަސައްކަތްކުރަމުން ދިޔައެވެ. ގާތްގަނޑަކަށް ފަސް މިނެޓު ވަންދެން މަޑުކުރުމަށްފަހު، ރިޔާސަތުން އިޢުލާންކުރެއްވީ ކަރަންޓަށް ދިމާވި މައްސަލައިގެ ވާނުވާ އަދިވެސް ނޭނގޭ ކަމަށެވެ.
މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މައްސަލަ ބަލާލުމަށް ހުސްވަގުތުކޮޅެއް ނެގުމަށް ނިންމެވިއެވެ. ނަމަވެސް، މައްސަލަ ދިމާވިތާ ގަޑިއެއްހާއިރު ވެފައިވާއިރުވެސް ޖަލްސާ އަދި ވަނީ ނުފެށިއެވެ.



