އިންޑިއާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހާމަނުކޮށް ކުރިއަށް ދާނަމަ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު އިނދަޖެހި ދާނެ ކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން އިންޑިއާ އާއި ދެކޮޅަށް ކުރިއަށް ގެންދާ އިންޑިއާ އައުޓު ހަރަކާތުގެ މޭސްތިރިއަކީ ރައީސް ޔާމީނެވެ. އިދިކޮޅު ލީޑަރު ގެންދަވަނީ ފާޅުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލަމުންނެވެ. ރައީސް ޔާމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ އާއި އެއްކޮށް ސަރުކާރުން ހަދާއިވާ އެއްބަސްވުންތައް ހާމަނުކޮށް ތިބި ނަމަވެސް އެކަމާއި ދެކޮޅަށް އަޑުއުފުލުން ރައްޔިތުން ހުއްޓާނުލާނެ ކަމަށެވެ.
އަދި ދިވެހިރައްޔިތުންނަށް މި އެއްބަސްވުންތައް ފޮރުވައިގެން ތިބެވެނީ ކިތައް ދުވަސް ވަންދެންތޯ ރައީސް ޔާމީން ވަނީ ސުވާލު ކުރައްވާފައެވެ. ރައީސް ޔާމީންގެ ޓުވީޓްގައި މިއީ ވަރަށް އުދަނގޫ އަދި ގިނަ ދުވަސްވާ މަސައްކަތަކަށް ވީނަމަވެސް މީގެ ނަތީޖާއަކަށް ވެގެންދާނީ އަމާޒެއް ނެތި ދަތުރު ކުރަމުންދާ މި ވެރިކަން އިނދަޖެހިގެން ދިއުން ކަމަށެވެ. ފަހަކަށް އައިސް ރައީސް ޔާމީން ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވެ ޓުވީޓް ކުރައްވަމުންނެވެ.
އިންޑިއާ އާއި ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތް ފުޅާކޮށް ރާއްޖޭގެ ބައެއް ރަށްތަކުގައިވެސް އިންޑިއާ އައުޓު ބެނާތައް ހަރުކޮށްފައިވެއެވެ.