މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޖަޕާނު ސަރުކާރުން ފަސް ލޯންޗް ހަދިޔާކޮށްފިއެވެ. މި ލޯންޗްތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު އިޝިގާމީ ރުމީކޯއެވެ. އަދި ފުލުހުންގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެވަޑައިގަތީ ޕޮލިސް ކޮމިޝަނަރ އިސްމާއިލް ނަވީންއެވެ.
ފުލުހުންގެ އިދާރާއިން ބުނެފައިވާ ގޮތުގައި މި ލޯންޗްތަކުގައި ފުލުހުންގެ ލޯގޯ ޖަހާފައިވާ އިރު، އެ ހިދުމަތުގެ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ އާލާތްތައް ވެސް ވަނީ ހަރުކޮށްފައެވެ. އަދި މި އުޅަނދުތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
މި އުޅަނދުތައް ހަވާލުކުރުމުގެ ރަސްމިއްޔާތަށްފަހު ޖަޕާނުގެ ސަފީރާއި ޕޮލިސް ކޮމިޝަނަރ ނަވީން ވަނީ އުޅަނދުތައް ބައްލަވާލައްވާފައެވެ. އަދި މި ބައްލަވާލެއްވުމުގައި ފުލުހުންގެ އިސް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަޕާނު ސަރުކާރުން މި އުޅަނދުތައް ހަދިޔާކުރެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާއިން ވަނީ އެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް ފުލުހުންގެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.



