ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމްތައް ޤާއިމްކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ހ. މީރުމާގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރެވެ. މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ ދާއިރާތަކެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ޤާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ވަޢުދު ފުއްދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިހާތަނަށް ޖުމްލަ 102 އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރެވިފައިވެއެވެ.
މީގެ އިތުރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހަތް އައުޓްޑޯ ޖިމް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިއަހަރާއި އަންނަ އަހަރު އިތުރު 41 އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ހަވާލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.



