އއ. ހިމަންދޫގައި 65.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ނިޒާމު ރަސްމީކޮށް ފައްޓަވައިދެއްވީ އއ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ހިމަންދޫއަށް ވަޑައިގެން ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން އެމްޑަބްލިޔޫއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން 6.35 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކާއި، 5.31 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ވަނީ ގާއިމުކޮށްފައެވެ. އަދި ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓާއި ފެން ރައްކާކުރުމަށް ތިން ތާންގީ ވަނީ ބަހައްޓާފައެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 956 މީޓަރުގެ ޕަންޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ އިމާރާތް ބިނާކޮށް، ތިން ޕަންޕިންގ ސްޓޭޝަނާއި އެއް ސީ އައުޓްފޯލް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލުކުރުމަށް ބޭނުންވާ ސާމާނު ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހިމަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ހުޅުވުމުގެ އިތުރުން ރައީސް މުއިއްޒު ވަނީ އެރަށު ސިއްޙީ މަރުކަޒުގެ އައު އިމާރާތް ވެސް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ



