އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ އަތޮޅުގެ މީހުން ދިރިއުޅޭ އަށް ރަށަކަށް ޒިޔާރަތްކުރައްވައި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ވަފުދުން ވަނީ ކޮންމެ ރަށެއްގައިވެސް މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ކުރިއަށް އޮތް ތަނުގައި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ތަޢާރަފުކުރެވުނެވެ. މީގެ އިތުރުން މާޅޮސް، ހިމަންދޫ، ފެހެންދޫ އަދި ތޮއްޑޫގައި ފުލުހުންގެ މަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތްވެސް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވާފައިވާ ކަމަށާއި، މަތިވެރީގައި ތަރައްޤީކުރާ އެއާޕޯޓަކީ މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާކުރާނެ އެއާޕޯޓަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަޑިވަރު ފިނޮޅު ހިމާޔަތްކޮށްދީ ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައިވެއެވެ.



