ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަން ‘އޮޕަރޭޝަން ކުރަނގީ’ގެ ދަށުން މިހާތަނަށް 174،152 ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ އެ ފަރާތްތަކުގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯތަކެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި “އޮޕަރޭޝަން ކުރަނގި” ފެށިފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށްދަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާ، ދިވެހި ފުލުހުންގެ ޚިދުމަތް އަދި މޯލްޑިވްސް އިމިގްރޭޝަންގެ އެއްބާރުލުމާއެކުގައެވެ.
މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. މި މަސައްކަތުގެ ތެރެއިން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން އެ މަސައްކަތް ކުރަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށްތޯ ބަލައި ޔަޤީންކުރެވިފައިވެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ދާދި ފަހުން ހާމަކުރި ގޮތުގައި، ބިދޭސީން ރާއްޖެ ގެނެސް ވިސާ ފީ ނުދައްކާ ކުންފުނިތަކުގެ ނަންތައް ހާމަކުރި ހިސާބުން، ދައުލަތަށް ނުލިބި ހުރި ބިލިއަނެއްހާ ރުފިޔާ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދިފައިވެއެވެ.
ސަރުކާރުން މިހާރު ދަނީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މި މައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.



