އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި އުތީމު ރައްޔިތުން އަދާކުރައްވާފައިވާ އިސް ދައުރަށް ރިއާޔަތްކުރައްވައި، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ޝަރަފު އެރުވުމަށް ނިންމެވީ، 500 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި އުތީމު ރައްޔިތުން ދެއްވާފައިވާ އަހައްމިއްޔަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މި ޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 10:00 ގައި އުތީމުގައި ބޭއްވޭ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުންވެސް އޮންނާނެއެވެ. އެގޮތުން މި އަހަރުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ތިން ބޭފުޅަކަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.
ޤައުމީ ދުވަސް އުތީމުގައި ފާހަގަކުރަން ފެށީ ވަރަށް ކުރީއްސުރެންނެވެ. ޤައުމީ ފެންވަރުގައި އުތީމުގައި އެންމެ ފުރަތަމަ ޤައުމީ ދުވަސް ފާހަގަކުރީ 1951 ވަނަ އަހަރު، ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގައެވެ. އަދި އޭގެ ފަހުން 1980 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގައި ވަނީ އުތީމުގައި އެންމެ ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކޮށްފައެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. މިއީ އުތީމު ރައްޔިތުންނަށް ލިބިވަޑައިގަންނަވާ އެންމެ މަތީ ދަރަޖައިގެ ޝަރަފެއްކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.



