ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވުމަށްފަހު މިއަދު ހއ. އުތީމަށް ފުރާވަޑައިގެންފިއެވެ.
މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވުނު ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރެވުނެވެ. އަދި ރަސްމިއްޔާތު ނިންމާލެވުނީ ޤައުމީ ދިފާޢީ ބާރުގެ ބޭންޑްޕާޓީން ޤައުމީ ސަލާމް ކުޅުމާ އެކުގައެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އުތީމުގައެވެ. މިއަދު ހެނދުނު 10:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި، އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި ކުރި މަސައްކަތަށް ރަށުގެ ރައްޔިތުންނަށް ޚާއްޞަ ޝަރަފެއް އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.



