ދައުލަތުން ދޭ ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް، އަލިމަސްގެ/ހއ. އުތީމު، އާދަމް އަބްދުއްރަހުމާން (އުތީމު އާދަމްބެ) އަށް މިއަދު އަރުވައިފި އެވެ. މި ޝަރަފު އެރުވީ މިއަދު ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒެވެ.
އާދަމް އަބްދުއްރަހުމާނަށް މި ޝަރަފު އެރުވީ، ހއ. އަތޮޅަށް އަދި އުތީމުގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި، ރާއްޖޭގެ ތައުލީމީ ދާއިރާއަށް އަދި ދިވެހި އަދަބިއްޔާތަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
42 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ އާދަމް އަބްދުއްރަހުމާން ވަނީ އުތީމު ކަތީބުކަން 15 އަހަރު ވަންދެން ކުރައްވާފައެވެ. އޭގެ އިތުރުން، ހއ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި، ތިން ފަހަރެއްގެ މަތިން ހއ. އަތޮޅުވެރިކަން ކުރައްވާފައިވެއެވެ. އަދި އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުކަންވެސް ކުރައްވާފައިވެއެވެ.
ޅެންވެރިކަމާއި ލިޔުންތެރިކަމުގައިވެސް ފާހަގަކޮށްލެވޭ އާދަމް އަބްދުއްރަހުމާނަށް ވަނީ 2004 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ޅެން ހެދުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2016 ވަނަ އަހަރު ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލުކުރައްވާފައިވެއެވެ.



