ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހއ. އުތީމުގައި ބޭއްވި ޖަލްސާގައި ދައުލަތުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް ރައީސް މުހައްމަދު މުއިއްޒު އަރުއްވައިފިއެވެ..
މިގޮތުން އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކޮށް، ދީނަށް ހިދުމަތްކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން މއ. ފީރޯޒްވާދީ، އިސްމާއިލް މުހައްމަދަށާއި، އިމާރާތް ކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން މ. ދޫރެސް، މުހައްމަދު މައުރޫފް ޖަމީލަށާއި، ޕާފޯމިން އާޓްސްގެ ދާއިރާއިން މިއަހަރު އަވަހާރަވި މިއުޒީޝަން ގ. ކްރީމްގެ، މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)ގެ ހަނދާނަށް މި އިނާމު ވަނީ އަރުވާފައެވެ.
މީގެއިތުރުން މި ޖަލްސާގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 9 ބޭފުޅަކަށާއި އެއް ކުންފުންޏަކަށްވެސް ވަނީ އަރުވާފައެވެ. މިގޮތުން ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ހުސްނާ ފަހްމީއަށާއި، ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން އިއްޒަތު އަހުމަދު ނިޒާރަށް މި އިނާމު ލިބިވަޑައިގެންފައިވެއެވެ.
އަދި ސިއްހީ ރޮނގުން ޑރ. އަބްދުލްއަޒީޒް ހަމީދަށާއި، ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން އާމިރާ ސުލައިމާނަށާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތްކުރުމުގެ ރޮނގުން ފާތިމަތު އިބްރާހިމަށާއި، އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން އަހުމަދު ވަހީދު އަލީއަށް މި އިނާމު ލިބިވަޑައިގެންފައިވެއެވެ.
މީގެއިތުރުން ވިޔަފާރި ފުޅާކޮށް ތަރައްގީ ކުރުމުގެ ރޮނގުން އުރީދޫ މޯލްޑިވްސްއަށާއި، އެކި ބާވަތްތަކުގެ މަސައްކަތް ކުރުމާއި އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން އަލީމުއްދީނަށާއި، ކޮމްޕިއުޓަރު ސޮފްޓްވެއާ ތަރައްގީކުރުމުގެ ރޮނގުން މުހައްމަދު ޖައިލަމަށާއި، އާންމުކޮށް އަންހެނުން ކޮށްނޫޅޭ ބާވަތުގެ މަސައްކަތްކުރުމުގެ ރޮނގުން ޒަހިއްޔާ މުހައްމަދަށް ވަނީ މި އިނާމު އަރުވާފައެވެ.



