ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަންނަ ނޮވެމްބަރު މަހު ހުޅުވުމާއެކު، އެއަރޕޯޓުން ފުރާ ފަސިންޖަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށާއި، އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއަރޕޯޓު ނަމަވެސް، ތަރައްޤީކުރުމަށް އެންމެ ގިނަ ދުވަސް ނެގި އެއަރޕޯޓް ކަމަށެވެ. އަދި މިހާރު އެ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދަނީ ޒަމާނީ ފެންވަރަށް ގިނަ ވަސީލަތްތަކާއެކު އެންމެ ހަލުވި ސްޕީޑުގައި ކަމަށްވެސް ފާހަގަކުރެއްވިއެވެ.
އެއަރޕޯޓް ހުޅުވޭއިރު، ހަނިމާދޫގައި ޕާސްޕޯޓުގެ ޚިދުމަތާއި އައިޑީކާޑު ޕްރިންޓުކުރުމުގެ ޚިދުމަތްވެސް ޤާއިމްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ހަނިމާދޫގެ ރައްޔިތުންނާއި، ރަށަށް ހިޖުރަކުރާ ފަރާތްތަކާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިއެރުން ލިބޭނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އިންޓަރނޭޝަނަލް ފެންވަރުގެ އެއަރޕޯޓަކަށްވާއިރު، އެއެއަރޕޯޓުން ފުރާ ފަސިންޖަރުންނަށް ހުޅުލޭގެ ފަސިންޖަރުން ފުރާ ފަސިންޖަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ގަންނަން ލިބޭފަދައިން ހަމަޖައްސާނަން. ޑޮލަރު ވާހަކަ ދައްކާއިރު އެއަރޕޯޓް ބޭރުން އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ޑޮލަރު އޭޓީއެމެއްވެސް އިރާދަކުރެއްވިއްޔާ ބަހައްޓައިދޭނަން،” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ތަރައްޤީތަކާއެކު ހަނިމާދޫގެ ޓޫރިޒަމް ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.



