ވަޒީފާ އާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެދި ހުށަހަޅާ ސައްހަނޫން އެކަޑަމިކް ސެޓްފިކެޓްތަކުގެ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގެއް ފަށައިފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ އަމަލުތަކަކީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލި، އެ ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި، އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށެވެ.
މި މައްސަލަތައް ތަހުގީގު ކުރުމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މިހާތަނަށް ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް، ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެ އެވެ.
ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ސައްހަ ނޫން ސެޓްފިކެޓް ހުށަހެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ގާނޫނުލްއުގޫބާތުގެ 310، 311 އަދި 312 ވަނަ މާއްދާގެ ދަށުން ޖިނާއީ ކުށެކެވެ. މި މައްސަލަތަކުގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ވަޒީފާދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކަށް ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ސައްހަކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި ފުލުހުންނަށް ރިޕޯޓްކުރުމަށްވެސް އެދިފައިވެ އެވެ.



