ހދ. ފިނޭގެ ބަނދަރު މަޝްރޫޢު، ރަށުގެ ރައްޔިތުންގެ ޚިޔާލާއި ލަފާ ހޯއްދަވައިގެން އަލުން ތަރައްޤީކޮށް ނިންމާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ. މިކަން އެމަނިކުފާނު އިޢުލާންކުރެއްވީ ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފިނޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ބަނދަރު މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުން ވަނީ ގިނަ ޚިޔާލުތަކެއް ހުށަހަޅުއްވާފައެވެ. އަދި މި މަޝްރޫޢަކީ ފިނޭގެ ތަރައްޤީއަށް ވަރަށް މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވައި، ރައްޔިތުންގެ ހުށަހެޅުންތައް އައު ޑިޒައިންގައި ހިމަނައި، 2026 ވަނަ އަހަރުގެ ބަޖެޓުގައި މުހިންމު ބަދަލުތައް ހިމެނޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށުގެ އިތުރު ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން އިތުރު މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ސްކޫލް އަލުން އިމާރާތްކުރުމުގެ މަޝްރޫޢު ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމަނައި ތަންފީޒުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ފިނޭގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރުމާއި، ކުނި މެނޭޖްކުރާ މަރުކަޒެއް ތަރައްޤީކުރުމާއި، ކުޑަކުދިންގެ ޕާކެއް ހެދުމާއި، ހަކަތައިގެ ދާއިރާއިން މަޝްރޫޢުތަކެއް ހިންގުމަށްވެސް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ފިނޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުމަށް ސީދާ އަސަރުކުރާނެ މަޝްރޫޢުތަކަށް އިސްކަންދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.



