މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައި 23 އަހަރުގެ ޒުވާނަކު ފުލުހުން މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތުގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނުގައި އެޕާޓްމަންޓަކާއި ދެ ސައިކަލެއް ބަލައި ފާސްކުރުމަށްފަހު، އެތަންތަނުން ފާހަގަކުރެވުނު ހެކިތަކުގެ މައްޗަށް ބިނާކޮށް ވަނީ މި ޒުވާނާ ހައްޔަރުކޮށްފައެވެ.
މި އޮޕަރޭޝަނުގެ ތެރެއިން 1،227 ގްރާމުގެ މަސްތުވާތަކެތި އަދި 101،550 ރުފިޔާ ވަނީ އެކި ތަންތަނުން ފެނިފައެވެ. އަދި މައްސަލައިގެ ތަޙުޤީޤަށް ޓަކައި ދެ ސައިކަލެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން ދަނީ މި މައްސަލައިގެ ތަޙުޤީޤު ކުރަމުންނެވެ.



