ބ. އަތޮޅުގައި ހިންގަމުންދާ ރިސޯޓެއްގައި ދިވެހި ޒުވާނެއްގެ ހަށިގަނޑު މަރުވެފައި އޮއްވައި ފެނުނު މައްސަލައިގައި، މަރުގެ ސަބަބު ދެނެގަތުމަށް އޮޓޯޕްސީ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. މަރުވެފައި އޮތް ފަރާތަކީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. ނަމަވެސް މި ހާދިސާ ހިނގާފައިވަނީ ކޮން ރިސޯޓެއްގައިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ތަހުގީގު ޓީމުން މި މައްސަލަ ބެލުމަށްފަހު، އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ގޮތުން މަރުގެ ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީއެއް ހެދުމަށް ވަނީ ނިންމާފައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް، މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މި ވަގުތު ހާމަކޮށްފައެއް ނުވެއެވެ.



