އަމިއްލަ ފަރާތްތަކުން އަޅަން ހަވާލުވާ މިސްކިތްތަކުގެ މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ފަށަން ލާޒިމުކޮށް، މިސްކިތެއް އަޅަން ދެވޭ މުއްދަތު 2 އަހަރަށްވުރެ އިތުރު ނުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އަމިއްލަ ފަރާތްތަކުން މިސްކިތް ބިނާކުރުމާ ގުޅޭގޮތުން އެ ވުޒާރާއިން އެކުލަވާލި އައު ސިޔާސަތުގައި، މިސްކިތް އެޅުމަށް ބިން ލިބޭތާ 6 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނުފަށައިފިނަމަ، އެ ބިން އަނބުރާ ސަރުކާރަށް ނެގުމަށް ވަނީ ނިންމާފައެވެ. އަދި މިސްކިތުގެ އިމާރާތުގައި އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް ނުހިންގުމާއި، އަމިއްލަ މުދާ ގުދަންކުރުން ފަދަ ކަންކަން ނުކުރެވޭގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި ސިޔާސަތު އެކުލަވާލާފައިވަނީ، އަމިއްލަ ފަރާތްތަކުން ވޭތުވެދިޔަ އަހަރުތަކުގައި މިސްކިތް އެޅުމަށް ބިން ހޯދުމަށްފަހު، މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި ގިނަ ދުވަސްތަކެއް ވަމުންދާތީއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ނަމާދުކުރުމަށް ދަތިތަކާ ކުރިމަތިލާންޖެހޭކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މިހާރު މިސްކިތް އެޅުމަށް ހުއްދަ ދެވިފައިވާ ފަރާތްތަކާއި އަލަށް ހުށަހަޅާ ފަރާތްތަކުންވެސް މި އައު އުސޫލުތަކަށް ތަބާވާންޖެހޭނެ ކަމަށެވެ.