ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް އެތެރެކުރުމަށްޓަކައި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއް މިއަދު އުފައްދައިފިއެވެ. މި ކުންފުނި އުފައްދާފައިވަނީ ކުންފުނީގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ގެ ނަމުގައި އުފައްދާފައިވާ މި ކުންފުނީގެ މައިގަނޑު މަސައްކަތަކީ ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އަދި މެޑިކަލް ސާމާނު ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރުމެވެ.
މީގެ އިތުރުން، މި ކުންފުނިން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި އެތެރެކުރާ ތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ވެސް ހިމެނެއެވެ. މިއީ ސިއްހީ ދާއިރާއަށް ސަރުކާރުން ގެންނަ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލެވެ.
ފާހަގަކޮށްލެވޭ ގޮތެއްގައި، ސަރުކާރުން ވަނީ މީގެ ކުރިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އައިނު ހެދުމުގެ ޚިދުމަތް ވެސް ތަޢާރަފުކޮށްފައެވެ. މިއީ ސިއްހީ ދާއިރާގައި ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.