ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް އެއްބަސްވެއްޖެ އެވެ. މި އެހީއަކީ ކާރިސާތަކާ ގުޅޭ ވިލުންތެރިކަން އިތުރުކޮށް، އެފަދަ ހާލަތްތަކަށް ތައްޔާރުވުމަށް ދޭ 1.56 ބިލިއަން ޖަޕަނީސް ޔެން (10.5 މިލިއަން ޑޮލަރު) ގެ އެހީއެކެވެ.
ފިނޭންސް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެހީގެ އެއްބަސްވުމުގައި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޖައިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޓަކި މޮޓޮއޯ އެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން މިރާސް އެވެ.
މި އެހީގެ ދަށުން ކަނޑުތޮށި ވަރުގަދަކުރުމާއި، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދުމުގެ އިތުރުން އުދައާއި ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެ ކަމަށް ޖައިކާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ޖަޕާނަކީ ރާއްޖޭގެ ތަރައްގީއަށާއި، ޚާއްސަކޮށް ކާރިސާތަކުން ރައްކާތެރިވުމުގެ ގާބިލުކަން އިތުރުކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ގައުމެވެ.