ވަގު ސަނަދުތައް ހުށަހެޅުމުގެ މައްސަލަ އިތުރުވަމުން ދާ ދަނޑިވަޅެއްގައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ދޫކުރާ ސެޓްފިކެޓްތަކުގައި އެޓެސްޓް ތައްގަނޑު ޖެހުމާ ގުޅޭ އައު އުސޫލެއް އެކުލަވާލައިފި އެވެ.
މި އުސޫލު އެކުލަވާލުމުގެ މައިގަނޑު މަގްސަދަކީ އެމްކިއުއޭއިން ދޫކޮށްފައިވާ އެކިއެކި ލިޔެކިޔުންތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި، އެ ލިޔެކިޔުންތަކުގެ ސައްހަކަން ފަސޭހަކަމާއެކު ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.
މި އުސޫލުގެ ދަށުން އެމްކިއުއޭއިން އެޓެސްޓްކޮށްދޭނީ ވެލިޑޭޓްކޮށްދޭ ސަނަދުތަކުގެ ކޮޕީ، އެސެސްމެންޓް ރިޕޯޓުތަކުގެ ކޮޕީ، ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމްގެ ލިޔުމުގެ ކޮޕީ އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށްފަހު ދޫކުރާ ލިޔުމުގެ ކޮޕީ ފަދަ ލިޔެކިޔުންތަކެވެ.
މި އުސޫލު އެކުލަވާލާފައިވަނީ ވަގު ސެޓްފިކެޓް ހުށަހެޅުމުގެ މައްސަލަ އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެމްކިއުއޭއިން ފާހަގަކުރި ގޮތުގައި ވަރަށް ފަހުން ސައްހަ ނޫން ބެޗްލާސް ޑިގްރީއަކާއި ދެ މާސްޓާސް ޑިގްރީ ސެޓްފިކެޓް ހުށަހެޅި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މިފަދަ މައްސަލަތައް ފުލުހުން މިހާރުވެސް ދަނީ ތަހުގީގުކުރަމުންނެވެ.
އައު އުސޫލުގެ ދަށުން ލިޔުމެއްގެ ނަކަލަކީ އަސްލާ އެއްގޮތް ލިޔުމެއްކަމުގައި ބެލެވޭނީ އެ ލިޔުމުގައި ތައްގަނޑުޖަހާ މުވައްޒަފުގެ ފުރިހަމަ ނަމާއި، ސޮޔާއި، ރެކޯޑު ކާޑު ނަންބަރު އަދި ތައްގަނޑުޖަހާ ތާރީޚު އޮތުމުންނެވެ. އަދި ލިޔުމުގެ މަތީގައި ‘އަސްލާ އެއްގޮތް ކޮޕީ’ ނުވަތަ ‘އެޓެސްޓޭޝަން’ ލިޔެފައި އޮންނަންވާނެއެވެ.