މިއަހަރުގެ ފުރަތަމަ 8 މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 82 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮގަސްޓު މަހު މުދަލު ޒަކާތުގެ ގޮތުގައި 8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު 1 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. މިހާރު މުދަލު ޒަކާތުގެ ނިސާބަކީ 11،191.95 ރުފިޔާ ކަމަށް މީރާއިން ބުނެއެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އަދި މުދަލު ޒަކާތް ނެރެން ޖެހެނީ މުދަލުގައި ނިސާބު ހަމަވެ، އެ މީހެއްގެ މިލްކިއްޔާތުގައި އެ މުދަލެއް ހުރެ، ހިޖުރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ.