ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މިކަން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށަހެޅުމެއް ލިބުމާ ގުޅިގެންނެވެ.
މަޖިލީހުގެ އިދާރާއިން މިކަން ހާމަކުރައްވާފައިވާއިރު، ދައުރުން ބޭރުން ބާއްވާ މި ޖަލްސާގެ އެޖެންޑާ އަދި ހާމަކޮށްފައެއް ނުވެއެވެ. މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.
މަޖިލިސް މިހާރު ޗުއްޓީގައި އޮތް ނަމަވެސް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދަނީ ރައްޔިތުންގެ އާންމު ވޯޓުނެގުމާ ގުޅޭ ބިލާއި މީޑިއާ ރެގިއުލޭޓް ކުރުމާ ގުޅޭ ބިލުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރެއިން އާންމު ވޯޓާ ގުޅޭ ބިލު މިހާރު ވަނީ އެ ކޮމިޓީން ފާސްކޮށްފައެވެ.