ގދ. ރަތަފަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
ރަތަފަންދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ޚިދުމަތް ފަށައިދެއްވުމުގެ ގޮތުން ވަޒީރު ޑރ. މުއްޠަލިބް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.
ރަތަފަންދޫގައި ޤާއިމުކޮށްފައިވާ އޭޓީއެމަކީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ. އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކުން ކުރިއަށް ގެންދަނީ މިއަހަރުގެ ނިޔަލަށް ނިންމުމުގެ އަމާޒުގައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ފާހަގަކުރި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި، އެރަށްރަށަށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެއެވެ. ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް 2000 ވަނަ އަހަރު ފުރަތަމަ ފެށުނު އިރު މާލެ ފިޔަވައި އަތޮޅުތަކަށް މި ޚިދުމަތް ފުޅާވާން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ.