ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިން ފާހަގަކުރާ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅިގެން ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެޗްޑީސީން ބައިވެރިވެއްޖެއެވެ.
ގައުމީ އިންޖިނޭރުންގެ ދުވަހާއި ގުޅިގެން ބޭއްވި މި ކުޑަކުދިންގެ ހަވީރު އޮތީ ހުކުރު ދުވަހު ހަވީރު 04:00 ޖެހިއިރު މާލޭ އުސްފަސްގަނޑު ސަރަހައްދުގައެވެ. މި އިވެންޓުގެ ތެރެއިން، ކުޑަކުދިންނަށް އަމާޒުކޮށްގެން އިންޖިނިއަރިންގއާ ގުޅޭ ގިނަ ހަރަކާތްތައް ހިމެނޭ ހާއްސަ ސްޓޯލެއް އެޗްޑީސީން ބެހެއްޓިއެވެ. އެޗްޑީސީގެ މި ސްޓޯލުން ބްރިޖް އަދި ސަރވޭ އާލާތްތައް ދައްކާލުމުގެ އިތުރުން، ސްމާޓްކޮމް ޓަވަރުގެ މައުލޫމާތު ކުޑަކުދިންނަށް ފޯރުކޮށްދިނެވެ. އަދި މީގެ އިތުރުން، ތަފާތު އެކި ގޭމްތަކުގެ ޒަރީއާއިން އިމާރާތްކުރުމާއި އިންޖިނިއަރިންގ އާ ގުޅޭ މައުލޫމާތު ހިއްސާކުރިއެވެ. އަދި ކޮމްޕިއުޓަރެއް އެސެންބަލް ކުރުމާއި ހައިޑްރޯލިކް ވޯޓަރޕަވަރ ޖޭސީބީ އާ ގުޅޭ ހަރަކާތްތައްވެސް ކުރިއަށް ގެންދިޔައެވެ.
ކުޑަކުދިންގެ ހަވީރުގެ އިތުރުން، އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހުޅުމާލޭގެ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، އެޗްޑީސީގެ ފަރާތުން 11 ސެޕްޓެންބަރ ވީ ބުރާސްފަތި ދުވަހު ޓުއާރއެއް ކުރިއަށްގެންދިޔައެވެ. ހުޅުމާލޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ ފަސް ސުކޫލެއްގެ 32 ދަރިވަރުން ހިމަނައިގެން ބޭއްވި މި ޓުއާރގައި އެޗްޑީސީން ކުރަމުންއަންނަ އެކިއެކި މަސައްކަތްތަށް ދަރިވަރުންނަށް ދައްކާލައި، އެ މަސައްކަތްތަކުގެ މައުލޫމާތު ދިނެވެ. މި ޓުއަރގެ މައިގަނޑު މަގްސަދަކީ އެޗްޑީސީއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއި، އިންޖިނިއަރިންގ ދާއިރާގެ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި، ސްކޫލުތަކުގެ ދަރިވަރުން މި ދާއިރާއަށް އަހުލުވެރިކުރުމެވެ.