ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު، އަރަބް އިސްލާމިކް ސަމިޓަށް ތައްޔާރުވުމަށް ބާއްވާ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ގަތަރުގެ ވެރިރަށް ދޯހާއަށް ރޭ ފުރާވަޑައިގެންފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ހަލީލު ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި އިޒްރޭލުން ދާދިފަހުން ގަތަރަށް ދިން ހަމަލާއާއި، ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިޒްރޭލުން ދޯހާގައި ހުންނަ ހަމާސްގެ އޮފީހަކަށް މިދިޔަ ހަފުތާގައި ދިން ހަމަލާއާ ގުޅިގެން ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ވިދާޅުވެފައިވަނީ އިޒްރޭލަށް ރައްދު ދިނުމުގެ ހައްގު ގަތަރަށް ލިބިގެންވާ ކަމަށެވެ. އަދި މިފަދަ އަމަލުތަކާ ދެކޮޅަށް މުޅި މެދުއިރުމަތިން ރައްދެއް ދޭންޖެހޭ ކަމަށާއި، އެކުވެރި ގައުމުތަކާއެކު މަޝްވަރާކުރާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.