ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވައިފިއެވެ.
މި ޖަލްސާގައި ރައީސް ވަނީ ބަންޑާރަނައިބުގެ އޮފީހުން ޝާއިޢުކުރެއްވި “އަލިމަސް ޔޫބީލް ހަނދާނީ ފޮތް” ނެރުއްވައި، އަދި އެ އޮފީހަށް 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް އިނާމް ޙަވާލުކޮށްދެއްވައިފައެވެ. މީގެއިތުރުން، 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ އިނާމް ދެއްވާފައެވެ.
ޖަލްސާގައި ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. އަދި މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާއި ޝަރުޢީ ކޯޓުތަކުގެ އިސްވެރިންގެ އިތުރުން ކުރީގެ ބަންޑާރަނައިބުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު މި ޖަލްސާގައި ބަންޑާރަނައިބުގެ އޮފީހުގައި މީގެ ކުރިން ޚިދުމަތްކުރައްވާފައިވާ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި މިހާރުވެސް އެ އޮފީހުގައި ޚިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.