ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަޠަރުގެ ވެރިރަށް ދޯހާއަށް ވަޑައިގެންފިއެވެ. މި ސަމިޓަކީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ދޯހާއަށް އިސްރާއީލުން ދިން ޙަމަލާއާ ގުޅިގެން ބޭއްވޭ ބައްދަލުވުމެކެވެ.
މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާނެއް އިއްވަވާނެ ކަމަށް ވެއެވެ. އަދި ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލްވެސް ވަނީ ޤަތަރަށް ވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވާ ގޮތުގައި، މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަކީ ދިވެހިރާއްޖެއިން ޤަޠަރާއެކު އޮތް އެއްބައިވަންތަކަމާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ރަމްޒުކޮށްދޭ ކަމެކެވެ. އަދި އިޒްރޭލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް މިހާރުން މިހާރަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލަމުންދެއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ޤައުމުތަކުގެ އިސްވެރިން އެއްތަންވެ، މުސްލިމު އުއްމަތުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި ގަދަކޮށް އިއްވައި، ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށާއި ސަރަޙައްދީ އަމަންއަމާންކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މި ސަމިޓުން މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.