މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބޭގޮތަށް ގިނަ އިސްލާހުތަކެއް ގެނައުމަށްފަހު މިނިވަން މުވައްސަސާތަކުގެ ކޮމެޓީން އެ ބިލު ފާސްކޮށްފިއެވެ. ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލަށް ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވަނީ މުހިންމު އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ.
ބިލަށް ގެނެވުނު މުހިންމު އިސްލާހުތަކުގެ ތެރޭގައި، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބަދަލުގެނައުން ހިމެނެއެވެ. އަދި ކޮމިޝަނުގެ މެންބަރުންގެ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނުމަށްވެސް ވަނީ އިސްލާހު ގެނެސްފައެވެ.
މީގެއިތުރުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކޮށް، ކޮމިޝަނަށް ލިބިދީފައިވާ ބައެއް ބާރުތައްވެސް ވަނީ އުނިކޮށްފައެވެ. އަދި މީހުންގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކަށްވެސް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ.
މި ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީ ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމުގެ އިތުރުން ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމަށް އަމާޒުކޮށްފައިވާ ބިލެކެވެ.